ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ގައި ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީއަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

މަޖިލީހަށް ހާޒިރު ކޮށްފައި ވަނީ އެޑީކޭގެ އެމްޑީ އަހުމަދު އައްފާލް އާއި، ޑރ. އަބްދުﷲ ނިޔާފް އަދި ޑރ. އަހްމަދު ނިޝާންއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވާހަކަ ވިދާޅުވީ، އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގާ ގޮތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި މަންދޫބު އައްބާސް ފާއިޒާ ވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދި މިއަދު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މީގެ ކުރިން 241 ކޮމިޓީއަށް އެމްއެންޑީއެފްގެ 32 އޮފިސަރަކާއި ފުލުހުންގެ ތެރެއިން 5 ބޭފުޅަކާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ސުވާލު ކޮށްފައި ވާނޭ ކަމަށް ބުދަ ދުވަހު ބޭއްވި 241 ކޮމިޓީގައި އަސްލަމް ވިދާޅުވެފައި ވެއެވެ. އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާ، މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ސަމީރުގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްއެމްއޭގެ ގަވަރުނަރާއި އެތަނުގެ އިތުރު ދެ ބޭފުޅަކުވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވާނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާލުވެފައިވަނީ މިހާރު އެ ކޮމިޓީން ކުރަމުންދާ މަސައްކަތަކީ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

މި ކޮމިޓީގެ މަސައްކަތް ނިންމާލާއިރު ސާފުކުރަން ޖެހޭ އެއްވެސް މައުލޫމާތެއް ދޫކޮށްނުލާ ހޯދާނެ ކަމަށާއި ކޮމިޓީން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުއް ފެންނަ ރިޕޯޓަކަށް ވާނެ ކަމަށްވެސް އަސްލަމް ވިދާޅުވެފައި ވެއެވެ.