ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓް ލިބުނު މީހުން ފްލެޓް ބަލަން ދާއިރު ދާނީ ބޭނުންވާ މައުލޫމާތު ހޯދަން ތައްޔާރުވެގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ މެނޭގިން ޑައިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓު ލިބުނު މީހުން ފްލެޓް ބަލަން ދާ އިރު ސާފު ކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމާއި ތަނުގެ މިން ނަގަން ބޭނުންވާ ނަމަ އެކަމަށް ތައްޔާރު ވެގެން ދިއުމަށް އިލްތިމާސް ކުރާކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ދައްކަން ފަށާފައި ވާއިރު ފްލެޓު ދެއްކުން ކުރިއަށް ގެެންދަން ހަމަޖައްސާފައި ވަނީ ކޮންމެ ދުވަހަކު ވެސް ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ.
- ހެނދުނު 8 އިން 10:30 އަށް، އެއް ވަނަ ފަންގިފިލާއިން ހަތް ވަނަ ފަންގިފިލާއާ ދެމެދު
- 10:30 އިން 13:00 އަށް، 8 ވަނަ ފަންގިފިލާއިން 14 ވަނަ ފަންގިފިލާއާ ދެމެދު
- 13:00 އިން 14:30 އަށް 15 ވަނަ ފަންގިފިލާއިން 19 ވަނަ ފަންގިފިލާއާ ދެމެދު
- އަދި 14:30 އިން 16:00 އަށް 20 ވަނަ ފަންގިފިލާއިން 24 ވަނަ ފަންގިފިލާއާ ދެމެދު
މި ގަޑިތަކުގައި ފްލެޓު ބެލުމުގެ ފުރުސަތު ދެނީ ކޮންމެ ފެލްޓަކުން ވެސް ދެ މީހަކަށެވެ. ފެލްޓު ބަލަން ދާއިރު އައިޑީކާޑު ގެންދަންޖެހެއެވެ. އަދި ދަނީ ވެރިފަރާތް ނޫން މީހެއް ނަމަ އެމީހެއްގެ އައިޑީކާޑާއި ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް ގެންދަން ޖެހެއެވެ. މިކަމާ ގުޅިގެން ސުހައިލް ވިދާޅުވީ މިހާ ކޮންޓްރޯލް ކޮށްގެން މިކަންކަން ކުރިއަށް ގެންދަނީ އަދިވެސް ނުނިމި ހުރި މަސައްކަތް ކުރަމުން ދިއުމާ ގުޅިގެން ކަމަށެވެ.
އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 6،720 ފްލެޓު ލިބުނު މީހުންނަށް އެތަންތަން ދައްކަން ހަމަޖެހިފައި ވަނި މި މަހުގެ 26 އިން އަންނަ މަހުގެ 4 އަށް ކަމަށެވެ. އެއީ 26 ވަނަ ދުވަހު އެޗް-14 އަދި އެޗް-13، 27 ވަނަ ދުވަހު އެޗް-10 އަދި އެޗް-9، 28 ވަނަ ދުވަހު އެޗް-16 އަދި އެޗް-15، 29 ވަނަ ދުވަހު އެޗް-4 އަދި އެޗް-3، 30 ވަނަ ދުވަހު އެޗް-12 އަދި އެޗް-11، 1 ޖުލައިގައި އެޗް-2 އަދި އެޗް-1، 3 ޖުލައިގައި އެޗް-7 އަދި އެޗް-8، 4 ޖުލައިގައި އެޗް-5 އަދި އެޗް-6 ވަނަ ޓަވަރެވެ.
އެޗްޑީސީން ބުނީ ފްލެޓު ބަލަން ހާޒިރު ނުވެވޭ މީހުންނަށް ފްލެޓު ދައްކަން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރާ ދުވަހު ކަމަށެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާއިރު، ސޮއިކުރަން ފަށާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މީގެ އިތުރުން އެއްބަސް ވުމުގައި ސޮއި ކުރަން ފެށުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ކޮށް ނިންމުމަށް މަސައްކަތް ކުރާ ކަމަށާ އެދުވަހާ ހަމައަށް ނުނިމިއްޖެ ނަމަ ޖުލައި މަސް ނިމުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ބުނެއެވެ.