ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމުގެ އަސްލަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ރައީސް ނަޝީދު ވިދާޅުވަނީ ގައުމެއް ބިނާކޮށް، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވުމުގެ އެންމެ މުހިންމު ކަމަކީ އިންތިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށެވެ. އަދި މި ނިޒާމުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރެވެމުންދާއިރު އެޕާޓީގެ ރައީސް ކަމަށްވާ ރައީސް ނަޝީދު ހުންނެވީ ޖަރުމަނު ވިލާތުގައެވެ. އެމަނިކުފާނަށް އަމާޒުކޮށް މޭ 6، 2021 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގަތް ޒަަހަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދާއިރު އެމްޑީޕީން ސިފަ ކުރައްވަނީ މިއީ އެމަނިކުފާނަށާ އެމްޑީޕީގެ ފިކުރު ނައްތާލުމަށް ދިން ބިރުވެރި ހަމަލާއެއްގެ ގޮތުގައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ކޮޅެއް ފެނިފައިނުވާއިރު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގަތް ޒަހަމް ތަކުގެ ތެރެއިން ފަޔަށް ލިބިވަޑައިގަތް ޒަހަމް ފިޔަވައި އެހެން ހުރިހާ ޒަހަމެއް ވަނީ ފަސޭހަވެފައިވާކަމަށް އާއިލާއިން ހާމަކުރެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 06:00 ގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.