އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓަކަށް ވުމުގެ ފުރުސަތު 22 ފަރާތަކަށް އެކުންފުނިން ދީފިއެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދުމަށް މާޗް މަހު ހުޅުވާލި ފުރުސަތުގައި އެކަަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކާ އެޖެންޓްކަން ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މީގެ ސަބަބުން ލިބުން މަގުފަހި ވެގެން ދާނެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ. އެޖެންޓުން އައްޔަނުކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ
އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން

އެސްޓީއޯ އިން ބުނީ މާޗު މަހު ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި މިހާރު އައްޔަނު ކޮށްފައިވާ ކަމަށެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައި ވީނަމަވެސް، އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކައް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން އެކުންފުނިން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭ ކަމަށާއި އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށެވެ.

ފޯމް އެސްޓީއޯ ވެބްސައިޓް އިން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ ވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ފާހަގަކުރާ ކަމަށް އެސްޓީއޯއިން ބުނެއެވެ.