މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގުކަމަށާއި، އެސްކޫލަކީ މި ގައުމުގެ އެންމެ ޝަރަފްވެރި "އިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލުގެ 98ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށެވެ.

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފްވެރި "އިލްމީ ބަގީޗާ"ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކުކަމަށެވެ.

"ދިވެހިރާއްޖޭގެ ތައުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީހީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ހިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުއާތަކާ އެކު." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެންދިޔައީ 1927ވަނަ އަހަރު މަދަރުސަތުއްސަނިއްޔާގެ ނަމުގައެވެ.