ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމަށް، 2 ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރެވިދާނެ ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

2 ޑޯޒް ޖަހައިގެން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް، 2 ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރުމަށް، ސައުދީގެ ނޭޝަނަލް ސައެންޓިފިކް ކޮމިޓީ ފޮ އިންފެކްޝަސް ޑިޒީޒަސް އިން ހުއްދަ ދީފައި ވާ ކަމަށް، ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ބަޔާނުގައިވެއެވެ.

މި ހުއްދަ ދީފައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ހަދާފައިވާ ސައެންޓިފިކް ދިރާސާތަކުގެ އަލީގައި ކަމަށްވެސް ސައުދީއިން ބުނެއެވެ.

މި ދަނޑިވަޅުގައި ސައުދީއިން ވަނީ ހިޖުރީ ތާރީހުން، އުމުރުން 50 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖަހާ، 42 ދުވަސް ފާއިތުވެފައިވާ މީހުންނަށް 2 ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ގައުމުތަކުން ހަލުވި ދުވެލީގައި ވެކްސިން ކެމްޕޭންތައް ފެށި ކަމުގައި ވީ ނަމަވެސް، އުފެއްދުންތެރިކަމާއި ސަޕްލައި ޗޭނަށް ކުރިމަތިވާ ގޮންޖެހުންތަކާއެކު، އެކަށީގެންވާ ދުވެލީގައި ވެކްސިން ޑޯޒްތައް ފޯރު ނުކޮށްދެއްވުމުގެ މައްސަލަ، ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ބޮޑުވަމުންނެވެ.

ކަން މިހެން އޮތް އިރު، 2 ބްރޭންޑެއްގެ ވެކްސިން ޖަހައިގެންވެސް 2 ޑޯޒް ފުރިހަމަ ކުރުމަކީ، ބަލިން ދިފާއު ހޯދާދިނުމުގެ އުއްމީދު އާ ކޮށްދެއްނިވި ކަމަށް ވާނެ ކަމަށް ގަބޫލު ކުރާ ދިރާސާ ޓީމުތަކާ ސައެންސްވެރިން އެބަ އުޅެއެވެ.

އެގޮތުން، ފުރަތަމަ ޑޯޒްގެ ގޮތުގައި އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ޖެހުމަށްފަހު، 2 ވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުމުން، ކޮވިޑް-19 އާ ދެކޮޅަށް އިންތިހާ ވަރުގަދަ ދިފާއެއް އުފައްދާ ދޭ ކަމަށް، ދާދި ފަހުން ސްޕެއިންގައި ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.