ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިޔަށް ގެންދާއިރު މިހާރު ކުރަމުންދާ މަސައްކަތަކީ އެ މައްސަލައިގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު މަޖިލީހުގެ އިދާރާގައި ކުރިޔަށް ދާ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީގެ ޕްރެސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ ރިޕޯޓް އެކުލަވާލުމަށް އެކަށީގެންވާވަރަށް ކޮމިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ 241 ކޮމިޓީއަށް އެމްއެންޑީއެފްގެ 32 އޮފިސަރަކާއި ފުލުހުންގެ ތެރެއިން 5 ބޭފުޅަކާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ސުވާލު ކޮށްފައި ވާނޭ ކަމަށެވެ. އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާ، މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ސަމީރުގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްއެމްއޭގެ ގަވަރުނަރާއި އެތަނުގެ އިތުރު ދެ ބޭފުޅަކުވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަމަލާގައި ޒަހަމްވި ރައީސް ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުގެ ފަރާތުން މައުލޫމާތު ހޯދުމަށް ނިންމާފައި ވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މި ކޮމިޓީގެ މަސައްކަތް ނިންމާލާއިރު ސާފުކުރަން ޖެހޭ އެއްވެސް މައުލޫމާތެއް ދޫކޮށްނުލާ ހޯދާނެ ކަމަށާ ކޮމިޓީން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުއް ފެންނަ ރިޕޯޓަކަށް ވާނެކަމަށްވެސް އަސްލަމް ވިދާޅުވެފައި ވެއެވެ.