ރާޖޭގެ ސުކޫލުތަކަށް ގުރުއާން އަދި އަރަބި ޓީޗަރުން އިންޑިއާއިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާން ކުރުމުންވެސް ނުލިބުން ކަމަށެވެ. އެހެންކަމުން ގެނެސްފައި ވަނީ އިންޑިއާގެ ކެރެލާއިން އަރަބި 5 ޓީޗަރުންނާއި 5 ގުރުއާން ޓީޗަރުން ކަމަށާ ރާއްޖޭގެ 9 ސުކޫލެއްގައި މި ޓީޗަރުން ކިޔަވައިދެމުން ގެންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެދިފައިވާނޭ ކަމަށެވެ. އަދި މި އެހީތެރިކަމަށް އެދުމުން އިންޑިއާގެ ހައިކޮމިޝަންގެ ފަރާތުން، އިންޑިއާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އެގައުމުގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ "ނޯކާ ރޫޓްސް" މެދުވެރިކޮށް މިދިޔައަހަރު 10 ޓީޗަރުން ރެކްރޫޓުކޮށްފައި ވާކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދައްކާފައިވާނެ ކަމަށާ މުދައްރިސުންގެ ދަތިކަން ހުރި ރަށްރަށަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޓީޗަރުން ނުލިބި ގިނަދުވަސްވާ ނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭއަސަރު ކުރުމުގެ ބިރުވެރިކަން އޮތުމުން ބިދޭސީ ޓީޗަރުންނަށް ފުރުސަތު ދިނީ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ވަނީ މި މަގާމުތަކަށް ދިވެހި ޓީޗަރުން މިހާރު ތަމްރީނު ކުރަން ފަށާފައިވާ ކަމަށާ ދިވެހި ޓީޗަރުން ލިބޭނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރާނެ ކަމަށެވެ.