13 އަހަރުގެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ފުލުހުންނާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިއްޖެއެވެ.

މިއަދު ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް ބުނީ، އާންމުންގެ ތެރެއިން މީހަކަށް މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރުމަށެވެ. އެ ގޮތުން ފުލުހުންގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އާންމުންގެ މީހަކު ހުޅުމާލެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ދިން މައުލޫމާތުގެ އަލީގައި ކަަމަށް ފުލުހުން ބުނެއެވެ. އެމީހާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުން ވަނުން މަނާ ސަރަހައްދުގައި އަނިޔާވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުނެއެވެ. އެ މައުލޫމާތާ ގުޅިގެން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އެ ބުނާ ސަރަހައްދު ބަލައި ފާސް ކުރުމުގެ ތެރެއިން މޫދުގައި އޮތް ފޮއްޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

މިހާރު މި މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ ކަންކަން ހޯދައި ހެއްކާއި ގާރީނާ އެއްކޮށް މައްސަލަ ޝަރީއަތަށް ފޮނުވުމަށް ތައްޔާރުވަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރު 2:38 ގައެވެ.

މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ރޭ ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައި ވާ އިރު، 17 އަހަރުގެ ކުއްޖަކާ 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.