ހުރިހާ ފަރާތްތަކުން މަޝްވަރާ ކޮށް މެދުއިރުމަތި ސުލްހަ ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސައޫދީއަރަބިއްޔާގެ ހަމިސް މުޝައިތް އަދި ނަޖްރާން އަށް އަމާޒު ކޮށްގެން ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އާއްމުންނަށް އަމާޒުކޮށް ދެވޭ ހަމަލާތައް އެގޮތަށް އިތުރު ވެގެން ދިޔުމަކީ އެސަރަހައްދުގެ ސުލްހަ މަސަލަސް ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށް، އެސަރަހައްދަށް ހަމަޖެހުން ގެނައުން މުހިއްމުކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރު އޮތީ ސައޫދީއަރަބިއްޔާގެ ސަރުކާރާ، ސައޫދީގެ ރައްޔިތުންނާއެކުގައެވެ.

އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސައުދީއަށް ހަމަލާ ދެނީ ޔަމަނަށް ނިސްބަތްވާ ހޫތީން ކަމަށް ބުނެއެވެ.