ސުލްހައިގެ މަޝްވަރާތަކަށް އެއްބާރުލުން ދިނުން މަތީ ދެމި އޮތް ކަމަށާ، ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނެސް، އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުން ފަދަ ކަންކަން އަފްގާނިސްތާނަށް ކަށަވަރުވާން އޮތް ހަމައެކަނި ގޮތަކީ އިސްލާމީ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުން ކަމަށް، ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

އެތައް އަހަރެއް ވަންދެން އަފްގާނިސްތާނުގައި ހަނގުރާމަ ކުރުމަށްފަހު މިދިޔަ މެއި މަހުން ފެށިގެން، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށިފަހުން، އެ ގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ، ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ތޯލިބާން ހަނގުރާމަވެރިންނާއި އަފްގާނިސްތާނުގެ ސަރުކާރާ ދެމެދު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި، މެދުކެނޑިފައި އޮންނަތާވެސް އެތައް މަހެއް ވެއްޖެއެވެ. އަފްގާނިސްތާނުގެ ވެރިކަން ތޯލިބާނުން ނަގައިފިނަމަ، އިސްލާމީ ނިޒާމުގެ ނަމުގައި ހަރުކަށި ފިކުރު ތަންފީޒު ކުރާނެ ކަމުގެ ބިރުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި އުސޫލުގެ ތެރެއިން އަންހެން ކުދިން ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލު ކުރުން ފަދަ ކަންކަން މަނާ ކުރެއެވެ.

ތޯލިބާން ޖަމާއަތުގެ ކޯފައުންޑަރު އަދި ޑެޕިއުޓީ ލީޑަރު، މުއްލާ ޢަބްދުލްޣަނީ ބަރާދަރު ވަނީ، ސުލްހައިގެ މަޝްވަރާތަކުގައި އެ ޖަމާއަތުން ބައިވެރިވުމަކީ، ދެ ފަރާތް އެއްބަސްވާ ވިސްނުމެއްގެ ތެރެއިން މައްސަލަތައް ހައްލު ކުރުމަށް އެ ޖަމާއަތުގެ ޝައުގުވެރިކަން އޮތްކަން ހާމަކަން ބޮޑު ގޮތެއްގައި އަންގައިދޭ ކަމަށް ބުނެފައެވެ.

ބޭރުގެ ފައުޖުތަކުން އަފްގާނިސްތާނު ދޫކޮށް ދިއުމަށް ފަހު، އެ ގައުމަށް ފުރިހަމަ ސުލްހަ އޮތީ އިސްލާމީ ނިޒާމުގެ ތެރެއިން ކަމަށް ބުނެ ތޯލިބާނުން ވާހަކަދައްކާފައި ވާއިރު، މި ނިޒާމުގެ ތެރެއިން އަންހެން ކުދިންގެ ހައްގުތައްވެސް ކަށަވަރު ވާނެ ކަމުގެ ޔަގީންކަން، ބަރާދަރު ވަނީ ދީފައެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާ ސުންގަޑިއެއް ކަމުގައި ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަސް ކަމަށް މައުލޫމާތު ލިބެއެވެ.