ކޯސް ފީގެ ގޮތުގައި ވަރަށް ކުޑަ މިންވަރެއް ދައްކައިގެން އިސްލާމިކް ޔުނިވާސިޓީ އޮފް ބަންގްލަދޭޝްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ބުނީ މި ސްކީމްގެ ދަށުން 34 ދާއިރާއަކުން އަންޑާގްރެޖުއޭޓް ފެންވަރުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އިސްލާމިކް ޔުނިވާސިޓީ އޮފް ބަންގްލަދޭޝް އިން ވަނީ މި ފުރުސަތު އިތުރު ގައުމު ތަކަށް ވެސް ދީފައެވެ.

މިކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަން ވީގޮތުގެ މަޢުލޫމާތު އިސްލާމިކް ޔުނިވާސިޓީ އޮފް ބަންގްލަދޭޝް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ ޖޫން 30، 2021 އެވެ.

މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔާ އެޑިއުކޭޝަން އިން ވަނީ އިލްތިމާސް ކޮށްފައެވެ.