ކަރާ: މިއީ ދިވެހިންނަށް އިތުރު ތައާރަފަކަށް ބޭނުންވާނެ މޭވާއެއް ނޫނެވެ. ކަރާގެ ވާހަކަ ދައްކާނަމަ، އެ ރަށެއްގެ ވާހަކަ ނުދައްކާ ނުނިމޭ ރަށަކީ ތޮއްޑޫއެވެ. ނަމަވެސް، މިފަހަރު ކަރާ ވާހަކަ ގެނެސްދޭން މިއުޅެނީ ތޮއްޑޫއަކުން ނޫނެވެ. އެހެނަސް، ދިވެހިންނާ ގާތް، ދިވެހި ހިތްތަކުގައި އެ ބަޔަކަށްޓަކާ ހާއްސަ ލޯތްބެއް ދީފައިވާ ފަލަސްތީނުގެ ބިންތަކުންނެވެ.

ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރު ބިމެއް ކަމުގައި ވީ ނަމަވެސް، ފަލަސްތީނުގެ މަންޒަރުތައް މިހާރު އަތު ތެރެއިން ބަލާލެވެން އޮންނަނީ ސޯޝަލް މީޑިއާގެ އެހީގައެވެ. މިއީވެސް އެފަދަ ގޮތަކަށް އައި ވާހަކައެކެވެ. ސޯޝަލް މީޑިއާގެ ސޮފުހާތަކުން ފަލަސްތީނުގެ ބާބުން މިފަހަރު ފެނުނީ، އާންމުކޮށް ފެންނަ މަންޒަރުތަކާ ތަފާތު މަންޒަރުތަކެކެވެ.

ޔަހޫދީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކާއި ޖަރީމާތަކުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ ހިތްދަތި މަންޒަރުތަކުގެ ބަދަލުގައި މިފަހަރު ފެނުނީ އާރޯކަމާއި ތާޒާކަން ލިބިފައިވި، ފެހި، ދަނޑުބިންތަކެކެވެ. އާނއެކެވެ. ގައްޒާގެ ކަރާ ދަނޑުތަކެވެ. އެ ދަނޑުތަކުގައި ކަރާ ކެނޑުމުގެ މަސައްކަތުގައި ތިބި އަހުންނާއި އުހުންތުންގެ ހިތްގައިމު ހިނިތުންވުންތަކެވެ.

ގައްޒާގެ ރަށްވެހިން، ކަރާ ދަނޑުތަކުގައި / ފޮޓޯ: ޓްރެންޑްސް މެޕް

ގައްޒާގައިވެސް ކަރާއަކީ މަގުބޫލު މޭވާއެކެވެ. ގިނަ ފަހަރަށް، ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވޭ ގޮތެއް ނުވެއެވެ. އެހެން ކަމުން، އިޒްރޭލުން ކަރާ އިމްޕޯޓް ކުރަންވެސް ޖެހޭ ފަހަރު އާދެއެވެ. ނަމަވެސް، މި ދުވަސްވަރަކީ ގައްޒާއަށް ކަރާ ތިޔާގި ދުވަސްވަރެކެވެ.

މީގެ އިތުރުން، ގައްޒާގެ ދަނޑުވެރިން ވަނީ ކަރާ ވިއްކާ އަގުތައް ހެޔޮ ކުރުމަށްވެސް އެއްބަސްވުމަކަށް އައިސްފައެވެ. އެހެން ކަމުން، އިޒްރޭލުން ކަރާ އިމްޕޯޓް ކުރުން މަޑުޖައްސާލުމަށް، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސްއިން ވަނީ ނިންމާފައެވެ. ގައްޒާގައި މިހާރު 8 ކިލޯގްރާމްގެ ކަރާގެ އަގު އުޅެނީ، ގާތްގަނޑަކަށް 2.50 ޑޮލަރަށެވެ. ނުވަތަ 10 ޝެކްލްސްއަށެވެ.

މި ދަނޑިވަޅުގައި އިޒްރޭލުން ވަނީ ގައްޒާގެ ދަނޑުތަކުގައި އުފައްދާ ތަކެތީގެ ތެރެއިން ވަކި މިންވަރެއް އެކްސްޕޯޓް ކުރުމަށްވެސް ހުއްދަ ދީފައެވެ. މި ތަކެތި އެކްސްޕޯޓް ކުރަނީ ކަރީމް ޝަލޯމް ސަރަހައްދުންނެވެ.

ގައްޒާގެ ރަށްވެހިން، ކަރާ ދަނޑުތަކުގައި / ފޮޓޯ: ޓްރެންޑްސް މެޕް

މޭވާއެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން، ކަރާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ އެއްޗެކެވެ. ކަރާ ވެފައި ވަނީ، މިނިވަންކަމުގެ ހައްގުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ރަމްޒަކަށްވެސްމެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މިކަން ފެށުނީ 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު، ގައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދިދަ، އާންމުކޮށް ފެންނަން ހުންނާނެހެން ބެހެއްޓުން، އިޒްރޭލުން މަނާ ކުރި ހިސާބުންނެވެ. ވިސްނާލާށެވެ. ރަތް، ކަޅު، ހުދު، ފެހި... މިއީ ކަރާގެ ކުލަތައް ކަމަށް ވާއިރު، ފަލަސްތީނުގެ ދިދާގައި ހުންނަނީ ކޮން ކުލަތަކެއް ހެއްޔެވެ؟ އިޒްރޭލުން ދިޔައީ ފަލަސްތީނުގެ ދިދަ އާންމު ކުރި ކޮންމެ މީހަކު ހައްޔަރު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ފަލަސްތީނުގެ ރައްޔިތުން ބުރަވީ ކަރާއަށެވެ. ދިދައިގެ ބަދަލުގައި މުޒާހަރާތަކުގައިވެސް ގެންގުޅެން ފެށީ ކަރާ ފޮތިތަކެވެ.

ފަލަސްތީނުން މިނިވަންކަމަށް ހިފާފައިވާ އަޒުމުގެ ރަމްޒެއްގެ ގޮތުގައި ކަރާ ބޭނުން ކޮށްގެން ފަންނުވެރިއަކު ކުރަހާފައިވާ ކުރެހުމެއް / ފޮޓޯ: ދަ ނޭޝަނަލް

އެވަރުންވެސް އިޒްރޭލުގެ ހިތެއް ނުފުރުނެވެ. ކަރާ ފޮތި ގެންގުޅޭ މީހުން ހައްޔަރު ކުރި ކަމުގެ ހަބަރުތައްވެސް ފެންމަތިވެފައި އެބަހުއްޓެވެ. ނަމަވެސް މިއީ އަދި މުޅިން ކަށަވަރު ވާ ވާހަކައެއް ނޫން ކަމަށްވެސް ބުނެވެއެވެ.

ދެން އަންނަނީ މަޝްހޫރު ކުރެހުންތެރިޔާ ސިލްމާން މަންސޫރުގެ ވާހަކައެވެ. 1980ގެ އަހަރުތަކުގައި އޭނާ ބާއްވަން އުޅުނު މައުރުޒަކަށް އިޒްރޭލުގެ ސިފައިން ހުރަސްއެޅިއެވެ. ސިޔާސީ ކުރެހުންތަކަކަށް ވުމުންނެވެ. އަދި ފަލަސްތީނުގެ ދިދައާއި ދިދައިގެ ކުލަތައް ބޭނުން ކޮށްފައި ހުރުމުންނެވެ. އެހާ ހިސާބުން، އޭނާ ކަރައެއް ކުރަހާނީ ކިހިނަކުންތޯ ސިފައިންނާ ސުވާލު ކުރި ކަމަށްވެއެވެ. ޖަވާބުގައި، އެ ކުރެހުންވެސް އަތުލާނެ ކަމަށް އިޒްރޭލުގެ ފުލުހުން ބުނި ކަމަށްވެއެވެ.

މި ވާހަކަތައް އަލުން ފެންމަތިވީ، މިދިޔަ މަހު އިޒްރޭލުން ގައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތަކާ އެކުގައެވެ. ކަރާ ފޮތި ބޭނުންކޮށްގެން ފަލަސްތީނުގެ ހައްގުގައި ތައްޔާރު ކޮށްފައިވާ ގިނަ ފަރުމާތަކެއް، އިންޓަނެޓްގެ އެކި ހިސާބުތަކުން ފެންނަން އެބަހުއްޓެވެ. އަދި މިތަކެތި ވިއްކައިގެން ލިބޭ ފައިސާ، ފަލަސްތީނަށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައި އެބަހުއްޓެވެ.

މި ފަހަރު، ކަރާ މި ހާއްސަވީ ފަލަސްތީނަށެވެ.