ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި އެންމެ ތުއްތު ކުއްޖާ ފާތިމަތް މިޝްކާގެ މަރުގެ ކޭސް ރިޕޯޓް ހެލްތް މިނިސްޓްރީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހިއްސާކޮށްފައިނުވާ ކަމަށް ކޮމިޝަނާ މުއުމިނާ ވަހީދު ވިދާޅުވެއްޖެއެވެ.

މުއުމިނާ މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖެޓީވީން ގެނެސްދޭ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.

މުއުމިނާ ވިދާޅުވީ، މިޝްކާގެ ކޭސް ރިޕޯޓް ހެލްތް މިނިސްޓްރީން ހިއްސާކޮށްފައިނުވާ ކަމަށާ ނަމަވެސް އައިޖީއެމްއެޗް އިން ރިޕޯޓް ހިއްސާކޮށްފައިވާ ކަމަށެވެ.

މިޝްކާ އަށް ލިބެން ޖެހޭ ހިދުމަތް އަވަސް މިނެއްގައި ފޯރުކޮށް ނުދެވިގެން މިޝްކާ މަރުވުމުން އެކަން އެޗްއާރުސީއެމްއިން ކުށްވެރިކޮށްފައިވާއިރު، މުއުމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ފޮނުވައިފައިކަމަށެވެ.

އެމްބިއުލާންސް އައުން ލަސްވުމުގެ ސަބަބުން ފަރުވާދިނުން ލަސްވެ އުމުރުން އެންމެ 10 އަހަރުގައި މިޝްކާ މަރުވިއިރު މި މައްސަލައިގައި އެމްބިއުލާންސް ފޮނުވިކަމަށް ބުނެ ކޯލްސެންޓަރުގައި އިން ކުއްޖާ ހެދީ ދޮގުކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.