11 އަހަރުވީ ތަސައްވުރަކާއެކު ފެށި މުލީ އެއާޕޯޓް މަޝްރޫއު އެއްކޮށް ނިންމާލި އިރު މުޅި މަޝްރޫއަށް 540 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި މިއީ ޓޫރުޒަމަށް ހުޅުވުނު ދޮރާއްޓެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ، މުލީ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބް ވިދާޅުވީ، މި މަޝްރޫއޫއަށް ފަހިވާގޮތަށް މުލީގެ ބިން ހިއްކަން ފެށި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު 2014 ވަނަ އަހަރުތެރޭ ކަމަށެވެ. 11 އަހަރު ފަހުން މުލީ އެއާޕޯޓް އަޅައި ނިންމައި ކޮމާޝަލް ދަތުރުތައް ފެށުމަށް ހުއްދަ ލިބިފައިވާ ކަން ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ، އެ އަތޮޅުގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވެގެން ދިއުމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސް އެދިވަޑައިގެންނެވި އެއް މަޝްރޫއަކީ މުލި އެއާޕޯޓް މަސައްކަތް ކަން ހާމަ ކުރައްވަމުން މުއްތަލިބް ވިދާޅުވީ، އޭރު މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށާއި އެޕްރޫވް ނުވެ ހުރި ވަރަށް ގިނަ ވޭރިއޭޝަންތައް ހުރި ކަމަށެވެ. ރައީސްގެ އެންގެވުމާ އެއްގޮތަށް އެމްޓީސީސީން ވަރަށް ބުރަ މަސައްކަތެއް ކޮށް 18 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ މިއަދު އެއާޕޯޓް ހުޅުވުނު ކަމަށް މުއްތަލިބް ފާހަގަ ކުރެއްވިއެވެ.

މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި މިއީ އެ އަތޮޅުގެ އާބާދީގެ ނިސްބަތަށް ބަލާ ނަމަ، ކޮންމެ ބޮލަކަށް 100،000 ރުފިޔާގެ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީމު އަތޮޅަކީ އާބާދީ ކުޑަ ނަމަވެސް ގުދުރަތީ ގޮތުން އެ އަތޮޅަކީ މުއްސަނދި، ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ފުރުސަތު އޮތް އަތޮޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އެއާޕޯޓް ހުޅުވިގެން ދިއުމަކީ ފަތުރުވެރިކަމުގެ އެތައް އިންވެސްޓްމަންޓަކަށް މަގުފަހިވާނެ ދޮރާއްޓެއް ކަމަށާއި، އިގްތިސޯދީ ގޮތުން ކުރިއެރުން ވެސް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ އަތޮޅަށް އަންނާނެ ތަރައްގީގެ ބަދަލުތަކުގެ ވާހަކަތަކަށް އަލި އަޅުއްވާލައްވަމުން މުއްތަލިބް ވަނީ އަބާދީ އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދިއުމަށް އެއަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އޭގެ ބަދަލުގައި އަތޮޅުގެ ބޮޑެތި ރަށްތަކުގައި އާބާދީގެ ތަރައްގީ ގެނައުމަށް މަސައްކަތް ކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.