މަގުމަތީ އަންހެނަކު ރަހީނުކޮށް ހަމަލާދޭން އުޅުނު މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުލުހުން އަތުހަރު ހައްޔަރު ކުރީ މާލޭގައި އަންހެނަކު ރަހީނު ކޮށްގެން ފިލަން މަސައްކަތް ކުރަނިކޮށެވެ.

އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ބޮޑެތި އަނިޔާތަކެއް ލިބި އެ އަނިޔާތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ. ރަހީނުކުރި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އަތުހަރު މަރުވާން މަސައްކަތް ކުރީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ ދަން ޖެހުނީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް ބޭނުންކޮށްގެންނެވެ.

ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން އެޗްއާރްސީއެމް އިން އެދުނީ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން މަރުވަންދެން ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށްފަހު އެވެ.އެ މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ މިދިޔަ ޖެނުއަރީ މަހުއެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޕީޖީ އޮފީހުން ބުނީ، އަތުހަރު މަރުވި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށާއި އެފަދައިން ނިންމީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެއެވެ.

އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖް ވެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު ވަނީ ސޯޓެއްގެ ނާޑުވާއެއް ބޭނުންކޮށްގެން އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ކުޑަދޮރުގައި އައްސައިގެން ދަންޖެހެން މަސައްކަތް ކޮށްފައެވެ. އޭނާ ދަންޖެހުނުތާ 30 މިނެޓް ފަހުން އޮފިސަރުން ވަދެ އޭނާ ސަލަމާތް ކުރަން މަސައްކަތް ކޮށްފައި ވެއެވެ.

އޭނާގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނާއި ފުލުހުންގެ އިންޓާނަލް ތަހުގީގެއް ވެސް ހިންގާފައިވާއިރު މިހާތަނަށް އެއްވެސް މުއައްސަސާއެއްގެ ތަހުގީގާ ގުޅޭ ތަފްސީލު ހާމަކޮށްފައި ނުވެއެވެ.