މި އަހަރު ފެބްރުއަރީ މަހުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން 800 އެއްހާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މުލީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ފަށައި ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގޮސް ހުއްޓިފައިވާ މަޝްރޫއުތައް ފެށުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށެވެ. އެ ގޮތުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށް އޮތް ދެ މަހަކާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން އަލަށް ފެށުމަށާއި އަދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުމަށް މިހާރު ވެސް 390 މަޝްރޫއެއްގައި ސޮއިކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި 390 މަޝްރޫއު ހަވާލުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރު ކުންފުނިތަކާ މަސައްކަތް ހަވާލު ކުރުމުގައި ރަށްރަށުގައި ގާއިމްވެފައި ނުވަތަ މޮބިލައިޒްވެފައި އޮތް ކުންފުންޏަކާ އެ ރަށެއްގެ މަޝްރޫއުތައް ހަވާލު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތަށް މަސައްކަތް ހަވާލު ކޮށްފައި ވަނީ އެކަންް ހަރަދު ކުޑަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ހުއްޓިފައި ހުރި 20 މަޝްރޫއެއްގައި ވަރަށް އަވަހަށް ސޮއި ކުރާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް 2 ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި އިތުރު 300 މަޝްރޫއެއް ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ޕްރައިވެޓް ސެކްޓާގައި ހިމެނޭ ކުންފުނިތަކާ ބައެއް މަޝްރޫއުތައް ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރު ފެބްރުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލު ކުރެވޭ އިރު މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ހުރިހާ އިދާރާއަކާ ގުޅިގެން މި މަސައްކަތްތައް ތަރުތީބު ކުރަމުން މި އަންނަނީ އަވަހަށް ފެށުމަށް ކަމަށާއި ހުރިހާ ރަށަކަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.