މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" އަށް މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ކޮމިޓީއަށް ހާޒިރު ކޮށްފިއެވެ.
މި ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ހޯދުމުގެ ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. މިކަމާ ގުޅިގެން މަޖިލީހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ އިންގުއަރީއަށް އިމްރާން ހާޒިރުވެވަޑައިގެން ކޮމިޓީގެ މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވާތަން ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
ރައީސް ނަޝީދަށް ދިން މިހަމަލާގެ އިންކުއަރީ އަށް ވަކިވަކި ސިފައިންނާއި، ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން އަންނަނީ ހާޒިރުކުރަމުންނެވެ.
މިދިޔަ މޭމަހު 30 ވަނަ ދުވަހު ކޮމިޓީގެ ބައްދަލުވުމަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރު ކޮށްފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އެދުވަހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މީގެއިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންގެ އިތުރުން އިތުރުން މަޖިލީހުގެ 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.