މިސްކިތެއްގައި މަސްތުގައި ހާލުގައި ތިބި ދެ މީހަކާ މިސްކިތެއްގެ ބޭރުގައި މަސްތުވާ ތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ސެލޯފިން ކޮތަޅުތަކަކާ އެކު އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

" ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ސެލޯފިން ކޮތަޅުތަކަކާއެކު 24 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުންް ބުނެއެވެ.

ރޭ ވަނީ ޖަލާލުއްދީން މިސްކިތް ތެރެއިން މަސްތުވާތަކެތި ބޭނުންކުރަން އިން މީހަކާ މިސްކިތްތެރޭ އޮށޯއްވެ އޮތް މަސްތުވާތަކެތި ބޭނުންކުރާ މީހަކުވެސް އާންމުންގެ ބަޔަކު އަތުލައިގަނެ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގެ މައުލޫމާތެއް އަދި ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ޖަލާލުއްދީން މިސްކިތް ތެރެއިން ހައްޔަރުކުރި ދެ މީހުންނާ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރު ކުރި މީހާގެ ވެސް ވީޑީއޯ އެއް ދަނީ ސޯޝަލްމީޑީއާގައި ދައުރުވަމުންނެވެ.

މި ހަފްތާގައި ފުލުހުން ވަނީ ކޮވިޑްގެ މި ހާލަތުގަައި މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް މަސްތުވާތަކެތި ބޭނުން ކޮށް ނިދާ ހަދާ ބައެއްގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފައެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ނިދާ، އެއްޗެހި ދޮވެ، ހަދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އެ ގޮތުން ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުުންގެ ބެލުމުގެ ދަށަށް ވެސް ގެންދާ ކަމަށް ބުނެއެވެ.