މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހަކަށް އެންސްޕާ މެދުވެރިކޮށް 9000 ރުފިޔާ ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާއަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެދިފައިވާ ކަންކަމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އެމީހާއަށް ފޯރުކޮށްދީފައި ވަނީ ކިހާވަރެއްގެ މާލީ އެހީތެރިކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންސްޕާ މެދުވެރިކޮށް އެމީހާއަށް ދީފައި ވަނީ 9000 ރުފިޔާއެވެ.

ބޮމުގެ ހަމަލާގައި ޒަހަމްވެފައި ވަނީ ހދ. ވައިކަރަދޫ، 41 އަހަރުގެ އާދަމް އުމަރެވެ. ބޮމުގެ ހަމަލާގައި އޭނާގެ ކަނާތު ފައިގެ ކުޑަވާއިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކަނާތުފަޔަށް ބާރު ނުލެވޭ ކަމަށްވެސް އޭނާ ބުނެއެވެ.

ޓުވިޓާގައި މީހަކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އާދަމްގެ ފަޔަށް ވަނީ ވަރަށް ބޮޑު ޒަހަމްތަކެއް ލިބިފައެވެ. އެގޮތުން ކުޑަވައި އިނގިއްޔާ ދިމާލުން ކަށިގަނޑު ބިނދިފައިވާކަން ފޮޓޮއިންވެސް ހާމަވެއެވެ. އަދި ފައިތިލަ މަތީގައި ބޮޑު ފަރުގަނޑެއް ވެސް ވަނީ ހެދިފައެވެ.