މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" އަށް މައުލޫމާތު ހޯދަން ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރު ކޮށްފިއެވެ.

މި ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ހޯދުމުގެ ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮމިޓީގެ ބައްދަލުވުމަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރު ކޮށްފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އެދުވަހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އޭގެ އިތުރުން މަޖިލީހުގެ 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

އަދި ހޯމަދުވަހު ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި އަންގާރަދުވަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.