މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހަކަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑަ މިނިސްޓްރީއިން ބުނެފިއެވެ.

ޖެންޑަ މިނިސްޓްރީ އިން ދެންމެ ކުރި ޓުވީޓުގައި ވަނީ ބޮމުގެ ހަމަލާގައި ޒަހަމްވި އާންމުންގެ މީހާ އެ މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވޭނެ އެހީގެ މައުލޫމާތު ހިއްސާކޮށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހަބަރުފަތުރާ ވަސީލަތްތަކުން ހަބަރުތައް ޝާއިއުކުރުމުގެ ކުރިން މިނިސްޓްރީއިން މައުލޫމާތު ކަށަވަރުކުރުމަށްވެސް ޖެންޑަ މިނިސްޓްރީން ވަނީ އެދިފައެވެ.

ބޮމުގެ ހަމަލާގައި ޒަހަމްވެފައި ވަނީ ހދ. ވައިކަރަދޫ، 41 އަހަރުގެ އާދަމް އުމަރެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އާދަމް ބުނީ ބޮމުގެ ހަމަލާގައި އޭނާގެ ކަނާތު ފައިގެ ކުޑަވާއިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިންދައިގެން ގޮސްކަމަށެވެ. އަދި ކަނާތުފަޔަށް ބާރު ނުލެވޭ ކަމަށްވެސް އާދަމް ބުނެފައި ވެއެވެ.

އާދަމް ބުނީ މީގެ ކުރިން ޖެންޑާއަށްވެސް ސިޓީ ލައިގެން އެފަރާތުން މައުލޫމާތު ނަގައިފައިވާ ކަމަށެވެ. ނަމަވެސް އޭނގެ އެއްވެސް ހަބަރެއް ވެފައި ނުވާ ކަމަށާ ދެތިން ފަހަރަކު ހަބަރު ބަލައިލުމަށް ޖެންޑާއަށް ގުޅައިފައިވެސް ވާނެކަމަށެވެ. އެހެން ނަމަވެސް މިކޮޅުން ގުޅާލާނަމޭ ބުނެފަ އެއްވެސް ހަބަރެއް ނުވާކަމަށް އާދަމް ބުނެއެވެ.

އަމިއްލަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭކަން ހާމަކުރަމުން އާދަމް ބުނީ ޖެންޑާއިން ވެސް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާކަމަށް މިހާރު ހަބަރު ލިބޭ ކަމަށެވެ.

ޓުވިޓާގައި މީހަކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އާދަމްގެ ފަޔަށް ވަނީ ވަރަށް ބޮޑު ޒަހަމްތަކެއް ލިބިފައެވެ. އެގޮތުން ކުޑަވައި އިނގިއްޔާ ދިމާލުން ކަށިގަނޑު ބިނދިފައިވާކަން ފޮޓޮއިންވެސް ހާމަވެއެވެ. އަދި ފައިތިލަ މަތީގައި ބޮޑު ފަރުގަނޑެއް ވެސް ވަނީ ހެދިފައެވެ.

މިދިޔަ މަހު ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެން ސީރައަސް ޒަހަމްތަކަށް ފުރަތަމަ ފަރުވާ ހޯއްދަވާފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެއަށް ފަހު އެމަނިކުފާނުގެ އާއިލާއިން ވަނީ އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނުވިލާތަށް ގެންގޮސްފައެވެ.