ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ހަސަން ސާމިލް ވިދާޅުވީ މިއަދަށް އާންމުކުރަންދިން ތާވަލުގައި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން ނެތްކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަމުން ދަނިކޮށް އަލީ ވަހީދު އެދިވަޑައިގަތުމުން އޭނާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް ފުރާވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވެ އިއްޔެ ވަނީ އަލީ ވަހީދުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައެވެ. އަދި އަލީ ވަހީދު ވަނީ ބޭސްފަރުވާ އަދި ނުނިމޭ ކަމަށް ބުނެ އަޑުއެހުން އޮންލައިންކޮށް ބާއްވައިދިނުމަށްއެދި ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން އަންގައިފައިވަނީ އޮންލައިންކޮށް އަޑުއެހުން ނުބޭއްވޭނެ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް ދެން އޮންނާނެ ތާރީހެއް ކްރިމިނަލް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.