އެސްޓްރަޒެނެކާ ވެކްސިން ޖުލައިމަހު ރާއްޖެ ގެނެވޭއިރު ކޮވިޝީލްޑް ވެކްސިންގެ 1 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެސްޓްރްރަޒެނިކާ ވެކްސިންޖެހޭނަކަމުގެ ހަބަރަކީ އެފަރާތްތަކަށް އުންމީދީ ހަބަރެކެވެ.

ކޮވިޝީލްޑް ވެކްސިން ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު ކޮވިޝީލްޑް ވެކްސިންގެ 1 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން 2 ވަނަ ޑޯޒް ނުޖެހި އަލުން ވެކްސިންގެ ފުރަތަމަ ޑޮޒް އިން ފަށަންޖެހުމުގެ ބިރާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ދަ ޕްރެސް" އަށް ވިދާޅުވީ ކޮވިޝީލްޑް އާއި އެސްޓްރަޒެނެކާ ގެ ހުންނަނީ ޕެނަޑޯލް، ޕެރިސެޓަމޯލް ގޮތައް ހަމަ އެއް ކެމިކަލް ފޯމިއުލާއެއް ކަމަށެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިންގެ 1 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެސްޓްރަޒެނެކާ ގެ ވެކްސިން 2 ވަނަ ޑޯޒްގެ ގޮތުގައި ޖެހިދާނެކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ސީރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑް ވެކްސިން ލިބުމަށް ދަތިވެފައިވާއިރު، ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް 6 މަސް ތެރޭ ޖެހޭނެ ކަމަށް ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ ލަަފާގެ މަތިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ބުނެފައެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެސްޓްރަޒެނެކާ ގެ 5 ލައްކަ ޑޯޒް ޖުލައިމަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއްވާފައިވާ ކަމުގައެވެ. ކުރިން މި ވެކްސިން ލިބޭނެކަމަށް ބުނެފައި ވަނީ މިމަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ އިއްޔެ އެ ކުންފުންޏާ ވާހަކަ ދެއްކުމުން، ވެކްސިން ލިބޭނީ އަންނަ މަހު ކަމަށް ބުނެފައިވާ ކަމަށެވެ.

އެސްޓްރަޒެނެކާ ގެ އިތުރުން ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުގައި ވާއިރު މިމަހުގެ ތެރޭގައި އެމެރިކާގެ ވެކްސިނެއްވެސް ލިބޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި އެމެރިކާ އިން ލިބޭނީ ކިހާ ވެކްސިނެއް ކަމެއް އަދި ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް ނޭނގޭ ކަމަށެވެ.