ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ސަލާމަތްވުމަށް ހައްޖާއި އުމްރާއަށް ދަތުރުކުރާ މީހުން ވެކްސިން ޖެހުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިއުލާނު ކޮށްފިއެވެ.
އެޗްޕީއޭ އިން ވަނީ ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބިގަތުމަށް ޓަކައި ފުރުމުގެ މަދުވެގެން 14 ދުވަސް ކުރިން ވެކްސިން ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، ފުރުމުގެ ކުރިން ވެކްސިންގެ މުއްދަތު ހަމަވެފައިވާނަމަ ނުވަތަ ދަތުރުމަތީގައި ހުއްޓާ މުއްދަތު ހަމަވާނަމަ ފުރުމުގެ ކުރިން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.
ވެކްސިން ފުރިހަމަކުރަންޖެހޭ ފަރާތެއް އެއްވެސް ސިއްހީ ސަބަބަކާ ހުރެ ވެކްސިން ނުޖެހޭނަމަ 'ވެކްސިން އެގްޒެމްޕްޝަން ސެޓިފިކެޓް' ހޯދުމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ޅަފަތުގައި ޕޯލިއޯ ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައި ނުވަތަ އޭގެ ފަހުންވެސް މުޅިއެކު ތިން ޑޯޒު ފުރިހަމަކޮށްފައިވާނަމަ ފުރުމުގެ ކުރިން ޕޯލިއޯ ވެކްސިން ޖަހަން ނުޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
18 އަހަރުން ދަށުގެ ކުދިން ގެންދާނަމަ، އުމުރުފުރައާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަ ކުރިތޯ ޔަގީން ކުރުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ވަނީ 'އިންޓަނޭޝަނަލް ސެޓިފިކެޓް އޮފް ވެކްސިނޭޝަން' ގައި ޖެހި ވެކްސިންތަކުގެ ރެކޯޑް ހޯދާ ރައްކާތެރިކޮށް ބޭއްވުމަށެވެ.
އެޗްޕީއޭއިން ބުނީ އަމިއްލައަށް ޢުމްރާއަށްދާ ފަރާތްތަކުންނާއި ހައްޖާއި އުމްރާއަށް މީހުންގެންދާ ހުރިހާ ގްރޫޕްތަކުންވެސް މި ވެކްސިންތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރަންޖެހޭނެކަމަށެވެ.