ދިރާގުން މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ވާޗުއަލް ހަފުލާއެއް ބާއްވާ، ޒޫނާ ނަސީމް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ދިރާގުން ބޭއްވި މި ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ކެއާ ފޯ ދި އޯޝަންސް އަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށެވެ. މި އަހަރުގެ ކަނޑުތަކުގެ ދުވަހު ދިރާގުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޒޫނާ ނަސީމް ފަދަ މި ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިންސްޕިރޭޝަނަލް ލީޑަރެއް ގުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށް ރަޝީދު ވިދާޅުވިއެވެ. އެކުގައި މަސައްކަތްކޮށްގެން ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މި ކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލުމަށް ދިރާގުން ކުރާ މަސައްކަތް ކުރިއަށް ވުރެ ބާރަށް ކުރިއަށް ގެންދާނަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ތިމާވެއްޓަށް މިވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި. އަޅުގަނޑުމެންގެ ފަރުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަށް ދަނީ އޭގެ ނުހަނު ނޭދެވޭ އަސަރު ކުރަމުން. ދިރާގު ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުން މި ފުރުސަތުގައި ކަނޑުތައް ހިމާޔަތްކުރުމުގައި އިތުރު ހިތްވަރަކާއެކު ކުރިއަށް ވުރެ ބާރުމިނުގައި މަސައްކަތް ކުރަމުންދާނަން. އަދި އަޅުގަނޑުމެންގެ ކަނޑުތައް އަޅުގަނޑުމެންގެ ދަރިންނާއި ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެކުގައި މަސައްކަތް ކުރާނަން"
ޒޫނާ ނަސީމް

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޒޫނާ ނަސީމް ވިދާޅުވީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމަކީ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ. ތިމާވެއްޓަށް ގޮން ޖެހުންތަކެއް ދިމާވަމުންދާ ކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ، ކަނޑުތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޒޫނާ ނުވަތަ އާންމު ނަމުން ނަމަ ޒޫންޓި އަކީ މޫދާއި ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވާ އަދި ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރު ވެސް މެއެވެ. މީގެ އިތުރުން ޒޫނާ އަކީ މި ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމުގައި ބުރަކޮށް މަސައްކަތްކުރަށްވަމުންދާ ހިދުމަތްތެރިއެކެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ކެއާ ފޯ ދި އޯޝަންސް ކެމްޕޭންގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅު އަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏަކީވެސް ދިރާގެވެ. އަދި ހަމަ އެހެންމެ މިދިޔަ އަހަރު ރައްކާތެރިގޮތުގައި ޕީޕއީ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ވަނީ ހޭލުންތެރިކަން ފޯރުކޮށްދީފައިއެވެ.