ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޑޯޒްތަކުގެ ތެރެއިން، މުއްސަނދި ގައުމުތަކުން ބާކީވާ ޑޯޒްތައް، ފަގީރު ގައުމުތަކަށް ގަނޑުކޮށް ފޮނުވާލައިފިނަމަ، އެތައް މިލިއަން ޑޯޒްއެއްގެ ކޮވިޑް ވެކްސިން އިސްރާފުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު، ޔުނިސެފުން ދީފިއެވެ.

ޔުނިސެފުން ބުނީ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި މުޅި އަހަރު ތެރެއަށް ބަހާލައިގެން ސަޕްލައި ކުރިއަށް ގެންދިއުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އެހެނީ، ފަގީރު ގައުމުތަކަކީ، އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ޑޯޒް ގެންގުޅުމުގެ ގާބިލުކަން، ވަސީލަތްތަކުގެ ގޮތުން ލިބިފައި ނުވާ ގައުމުތަކެއް ކަމަށް ޔުނިސެފުން ބުނެއެވެ.

އިނގިރޭސިވިލާތާއި އެނޫންވެސް ބައެއް ގައުމުތަކުން ވަނީ، އެ ގައުމުތަކުން އިތުރުވާ ވެކްސިން ޑޯޒްތައް ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެއަށްވުރެ ކުރިން ޑޯޒްތައް ހަދިޔާ ކުރުމަށް، އެ ގައުމުތަކުގެ ކިބައިން މިހާރުވެސް ވަނީ އެދިފައެވެ.

މަޝްހޫރު ބައެއް ފަންނުވެރިންނާއި ފަންނާނުންވެސް ދަނީ ޔުނިސެފްގެ ރައުޔަށް ތާއީދު ކުރަމުންނެވެ. އޭގެ ތެރޭގައި ޒުވާން ލަވަކިއުންތެރިޔާ ބިލީ އެލީޝް އަދި ފުޓުބޯޅައިގެ މައިދާނުން ހިތްތައް ފަތަހަ ކުރި ޑޭވިޑް ބެކަމް ފަދަ ތަރިން ހިމެނެއެވެ.

މުޅި ދުނިޔޭގެ ހުރިހާ މަންޒިލަކުން ބަލިމަޑުކަން ނައްތާނުލެވެނީސް، މި ބަލިމަޑުކަމަށް ނިމުން ނެތްކަމާށް ޑޭވިޑް ބެކަމް ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ސެލެބްރިޓީން ވަނީ، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގައި ހުރި ވެކްސިން ޑޯޒްތަކުގެ 20 ޕަސެންޓް، މިއަހަރުގެ އޯގަސްޓް މަސް އަންނައިރު ހަދިޔާ ކުރުމަށް، ޖީ-7ގެ މެންބަރު ގައުމުތަކަށް ގޮވާލާ، ސިޓީއެއް ފޮނުވާފައެވެ.

މި ސިޓީގައި ސޮއިކޮށްފައިވާ އިތުރު ތަރިންނާއި ފަންނުވެރިންގެ ތެރޭގައި އެންޑީ މަރީ، އިވާން މެކްގްރެގާ، ޕްރިޔަންކާ ޗޯޕްޅާ، އޯލާންޑޯ ބްލޫމް އަދި ކޭޓީ ޕެރީގެ ނަން ފާހަގަ ކުރެވެއެވެ.

ހުރިހާ ގައުމަކަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަމަލީ ގޮތުން އަދާ ކުރަމުން އަންނަ ޔުނިސެފްގެ ވެކްސިނާ ބެހޭ އިސްވެރިޔާ، ލިލީ ކެޕްރާނީ ވިދާޅުވީ، ގައުމުތަކުގެ އާބާދީތަކަށް ވެކްސިން ދޭން ވާނީ، ދުނިޔޭގެ އެހެން މަންޒިލްތަކާވެސް އެކީގައި ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 2 ބިލިއަނަށްވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، މީގެ ތެރެއިން ފަގީރު ގައުމުތަކުން ހިއްސާ ކުރަނީ އެންމެ ޕަސެންޓަކަށް ވުރެވެސް ކުޑަ މިންވަރެއްކަން ފާހަގަ ކުރަންޖެހެއެވެ.