ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހުށަހަޅުއްފައިވާ އިސްލާހުގެ ސަބަބުން މުޖުތަމައުގައި ނަފްރަތާ ރުޅިވެރިކަން ބޮޑުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިއަދު އާންމު ކުރި އިމްލީ ދިރާސާގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް މޭ 25، 2021 ވަނަ ދުވަހު ހިސާން ހުސަހެޅުއްވި އިސްލާހުތަކަކީ އިސްލާމީ ޝަރީއަތާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ، ބައިނަލްއަގުވާމީ ހަމަތަކާ، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މިއާހަދާތަކުން ލާޒިމުކުރާ އިލްތިޒާމްތަކާ ހިލާފު މުޖުތަމައުގައި ނަފްރަތާ ރުޅިވެރިކަން އިތުރުވުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އިސްލާހުތަކެއް ކަމަށެވެ.

ނަފްރަތުގެ އަމަލު ހުއްޓުވަން ޖެހޭނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ހިނގައިދާނެ ކަމަށްޓަކައި ކަމަށް އަދާލަތުން ބުނެއެވެ. އަދި މުޖުތަމައުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމައުތަކުގައި ހިފަހައްޓަން ޖެހޭ ރީތި އަހުލާގީ ހަމަތައް ހިފެހެއްޓުމަށްޓަކައި ނަފްރަތުގެ އަމަލުތަކާ ބަސްމަގަށް ސަމާލުވާން ޖެހޭ ކަމަށްވެސް އަދާލަތުން ބުނެއެވެ.

މި ބާވަތުގެ މައްސަލަތަކުގައި އދ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބިޔާންކޮށްފައިވާ ގޮތައް އަމަލު ނުކޮށްފިނަމަ އަސާސީ މަގުސަދުތައް ހާސިލުވުމަށް ހުރަސްއެޅިގެން ދާނެ ކަމަށާ، މުޖުތަމައުގެ ހަމަޖެހުން ގާއިމު ކުރުމަށްވެސް ދަތިވެގެން ދާނެ ކަމަށްވެސް އެޕާޓީން ބުނެއެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުމެވެ.

މި ބިލަށް ސަލަފުންވެސް ވަނީ ފާޑުކިޔާފައެވެ. ސަލަފުން ބުނެފައިވަނީ މި ބިލް ހުށަހެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލުގެ ނަމުގައި އިސްތިހާރުކޮށްފައި ވަނީ އާންމު ރައްޔިތުންނަށް ބިލުގެ އަސްލު މަގުސަދާ ހަގީގަތް އޮޅުވާލުމަށް ކަމަށާ މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނެއެވެ.