އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އައްޑޫ ފްލައިންގް ސްކޫލް)ގައި ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާ އެއްގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އެ ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެއް ދަރިވަރުން ދައްކަން ނުޖެހޭ ކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެއެވެ.

މިނިސްޓްރީން ބުނީ މީގެ ކުރިން ވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އައްޑޫ ފްލައިންގް ސްކޫލްގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން 6 މަސް ދުވަހަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އައްޑޫ ފްލައިންގް ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނު ވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައވެެ.