ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުން މަޖިލީހުގެ ހުރުމަތާއި ގަދަރަށް އުނިކަމެއް ގެނެސްފައި ވާކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ފޮނުވި މައްސަލަ މަޖިލީހުން ޕީޖީއަށް ފޮނުވައިފައި ވަނިކޮށް އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕީޖީން މަޖިލީހަށް ލަފާދީފިއެވެ.

ޒަމީލް، ރައްޔިތުން މަޖިލީހުގެ ހުރުމަތާއި ގަދަރަށް އުނިކަމެއް ގެނެސްފައި ވާކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ފޮނުވި މައްސަލަ ރޭ އެ ކޮމިޓީން ވެސް ވަނީ ބޭރުކޮށްލާފައެވެ. އެ ކޮމިޓީން މި މައްސަލަ ބޭރުކޮށްލައިފައި ވަނީ ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައި ނުގަންނަ ކަމަށް ނިންމައި، އެމްޑީޕީ މެންބަރުންގެ ވޯޓާ ވެސް އެކުގައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި މައްސަލަ ބަލައި ދިނުމަށް ފޮނުއްވާފައި ވަނީ، އެމަނިކުފާނަށް އަމާޒުކޮށް ހަމަލާއެއް ދީ އެ ހަމަލާގެ ތަހުގީގު ކުރިއަށް ދާ އިރު ވަކިވަކި ސިފައިން މަޖިލީހުގެ 241 ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމި ނިންމުމާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ މަޖިލީހަށް ލަފާދީފައި ވަނީ ޖިނާއީ ކުށުގެ މައްސަލައަކަށް ދައުވާ ކުރެވޭނީ ތަހުގީގު އިދާރާއަކުން މައްސަލަ ތަހުގީގު ކޮށްގެން ކަމަށެވެ.

ޝަފީއު ވިދާޅުވީ، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް މަޖިލީހަށް ފެންނަ ކަމަށް ވާނަމަ، އެކަން ފުލުހަށް ހުށައަޅައިގެން ކުރިޔަށް ގެންދިއުމަށާ، ފުލުހުން އެކަށީގެންވާ މިންވަރަށް އެ މައްސަލަ ތަހުގީގު ނުކުރާ ކަމަށް ފެނެނަ ނަމަ ޕީޖީގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ.

ތަހުގީގު ކޮށްފަ އޮންނަންވާނެ އެކަށީގެންވާ މިންވަރަކަށް. އަދި ތަހުގީގު ކުރަންވާނީ ތަހުގީގީ އިދާރާއަކުން. އެހެންކަމުން އެ ޕްރޮސީޖާ ފޮލޯ ކުރެއްވުމަށް އަޅުގަނޑުމެން ލަފާ ދީފައި ވާނީ.
އަހުމަދު ޝަފީއު

ޒަމީލަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައި ވަނީ، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެކަމަށް އިންކާރު ކުރައްވައި، މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި އޭނާ ސޮއިކުރައްވާފައި އޮތުމުންނެވެ.

މަޖިލީހުން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއަކަށް ވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ގޮތެއް ނުނިންމައި، މީގެކުރިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ.