ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ލާއިންސާނީ ލީޑަރުންގެ ތެރޭގައި ގުނާލެވޭ އިޒްރޭލުގެ ހުދުމުހުތާރު ބެންޖަމީން ނަތަންޔާހޫއަށް، އޭނާގެ 12 އަހަރުވީ ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިދާނެ ކަން ޔަގީނާ ގާތަށް ކަށަވަރު ވުމާއެކު، ސޯޝަލް މީޑިއާގެ ދުނިޔެ ކޮންޓްރޯލް ކުރަމުން އަންނަ ފޭސްބުކްއާއި ޓްވިޓާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ކާމިޔާބު ކަމާއެކު ސަރުކާރެއް އެކުލަވާލުމަށް ތަކުރާރުކޮށް ފެއިލްވެފައިވާ ނަތަންޔާހޫ ސިފަކުރި ގޮތުގައި ފޭސްބުކްއިން ވަނީ އޭނާގެ ކަނާތު ފިޔައިގެ ސިޔާސީ ފިކުރުގެ އަޑު ކަނޑުވާލަން މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ސިޔާސީ ވާދަވެރިންނަކީ އިޒްރޭލަށް ހުރި ނުރައްކަލެއް ކަމަށްވެސް ނަތަންޔާހޫ ސިފަކުރެއެވެ.

ސިޔާސީ މައިދާނުގައި ކުރިމަތިލާން ޖެހިފައިވާ ހިތި ނާކާމިޔާބީއާ ގުޅިގެން ނަތަންޔާހޫގެ ވާހަކަތައް ހުރީ، މިދިޔަ ނޮވެންބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި މަހުޖަނު ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ރާގާ އެއްކަހަލަ ގޮތަކަށެވެ.

ޓްރަމްޕްވެސް ވަނީ ނޮވެންބަރު 2020 ގެ އިންތިހާބަކީ، އޭނާގެ އަތުން "ވަގަށް ޖަހައިގެންފައިވާ" އިންތިހާބެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ބަލި ގަބޫލު ކުރަން ފަސްޖެހިފައި ހުރި ނަތަންޔާހޫ ވަކާލާތު ކުރާ ގޮތުގައި އެންމެ ފަހުން އިޒްރޭލުގައި ކުރިއަށް ގެންދިޔަ އިންތިހާބަކީ، އިޒްރޭލުގެ ތާރީހުގައި ހިންގި، އެންމެ އޮޅުވާލުން ބޮޑު އިންތިހާބެވެ. އަދި އެއީ ޑިމޮކްރަސީގެ ތާރީހުވެސް ދުށް، އެންމެ ހީލަތްތެރި އިންތިހާބު ކަމަށް ނަތަންޔާހޫ ދަނީ ބުނަމުންނެވެ. މިކަމަކީ، މީހުން ހިމޭނުން ތިބެންވީ ކަމެއް ނޫން ކަމަށްވެސް ނަތަންޔާހޫ ދަނީ ގޮވާލަމުންނެވެ.

އިސްލާމީ ދުނިޔޭގެ މެންބަރުންނަށް، ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމުންނަށް އެތައް ތުރާލެއް ޖައްސާފައިވާ ނަތަންޔާހޫގެ ބާރުވެރިކަމަށް ނިމުން އަންނަ ކަމުގެ ފެހި ސިގުނަލް ލިބުނީ، އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އިއްތިހާދީ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެ، ޖޫން 2، 2021 ވަނަ ދުވަހު އެކަން އިއުލާން ކުރުމާ އެކުގައެވެ. އެ އިއްތިހާދަކީ، އިޒްރޭލުގެ ތާރީހުގައިވެސް އަރަބި އިސްލާމިކް ޕާޓީއާއެކު އެއްގަލަކަށް އެރި ފުރަތަމަ އިއްތިހާދަށް ވާއިރު، މިކަމަކީ ނަތަންޔާހޫއަށް ހަޖަމް ކުރަން އިންތިހާއަށް ދަތި ހަގީގަތެކެވެ.

އިޒްރޭލުގެ އިއްތިހާދީ އާ ސަރުކާރު އަދި ހުވާކޮށްފައެއް ނުވެއެވެ. އެކަން ވާން އަންނަނީ، މަޖިލީހުން ރުހުން ދީގެންނެވެ.

އާ ސަރުކާރަށް ނަތަންޔާހޫ އަމާޒު ކުރާ ފާޑުކިއުންތައް، ފޭސްބުކްއާއި ޓްވިޓާއިން ބްލޮކް ކުރާ ކަމަށް އޭނާ ދައުވާ ކުރެއެވެ. އަދި ބައެއް ޕޯސްޓްތައް ނަގާ ކަމަށްވެސް ބުނެއެވެ.

ނަތަންޔާހޫގެ ތުހުމަތުތަކަށް ޓްވިޓާއިން އިޖާބަ ދީފައި ނުވާއިރު، ފޭސްބުކް އިން ބުނީ، ފޭސްބުކްއަކީ މީހުންގެ ޒާތީ މާއުލޫމާތަށް އިހުތިރާމް ކުރާ ކުންފުންޏެއް ކަމަށާ، މީހުންގެ ޒާތީ ވަނަވަރު ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ ފުރުސަތު، އެ ކުންފުނިން ނުދޭނެ ކަމަށެވެ.