ޖެންސެންގެ އުފެއްދުމެއް ކަމުގައިވާ "ކޮވިޑް-19 ވެކްސިން ޖެންސެން" އަދި ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ " ކޮވިޑް-19 ވެކްސިން މޮޑާނާ" ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.
މި ދެ ވެކްސިނަށް ވެސް ހުއްދަ ދީފައިވަނީ މިއަދުއެވެ. މި ހުއްދަ ދީފައިވާނީ މިހާރުއޮތް ހާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ)އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ މިވަނީ ފަސް ވެކްސިނަކަށް ދީފައެވެ.
އެމްއެފްޑީއޭއިން ބުނީ ރާއްޖޭގައި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކު ކަމަށެވެ.
މިދެ ވެކްސިން ބަހައްޓަންޖެހެނީ 2.5- - 1.5- ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނިމިނެއްގައި ކަމުން އެމްއެފްޑީއޭއިން މިދެވެކްސިންއަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ، ވެކްސިން އެތެރެކުރުމަށްފަހު، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އަދި އެމްއެފްޑީއޭއިން އާ މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިދެ ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.