ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ ސާމާނު ސަޕްލައިކުރާ ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފްކުރަން ނިންމައިފިއެވެ.

އިއްޔެ ފާހަގަ ކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ބުނެފައިވަނީ ތިމާވެއްޓާއި ރަހުމަތްތެރި މިކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށެވެ.

އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި "ކޮންވެންޝަނަލް ކޮންކްރީޓް" ނުވަތަ އާއްމުކޮށް އުފައްދާ ކޮންކްރީޓްތަކާއި ހިލާފަށް ގްރީން ކޮންކްރީޓަކީ ގުދުރަތީ ބާވަތްތައް މަދުން ބޭނުންކޮށް، ރިސައިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެއްކަމަށެވެ.

އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ބާޒާރަށް މިކޮންކްރީޓް ނެރޭއިރު މި ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓް ސަޕްލައިކުރާ ވެހިކަލްތައް ބޭނުންކޮށްގެންކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން މިހާރުވެސް ގެންދަނީ ތިމާވެއްޓާއި ރަހުމަތްތެރި އިމާރާތްކުރުމުގެ ސާމާނު ވިއްކަމުންނެވެ. މީގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން މާކެޓަށް ނެރުނު، މިހާރު ގިނަ ކޮންޓްރެކްޓަކުންގެ މެދުގައި މަގްބޫލުވެފައިވާ "ރެނާކޮން" ގަލެވެ. މޫދުން ވެލިނަގައިގެން ރާއްޖޭގައި އުފައްދާ ގައު ތަކާ ހިލާފަށް، ރެނަކޮން ގަލަކީ ރިސައިކަލް އާލާތްތައް ބޭނުންކޮށްގެން އުފައްދާފައިވާ "އީކޯ ފްރެންޑްލީ" ދަރަޖަ ލިބިފައިވާ ގަލެކެވެ.