ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވީ 590 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 389 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުން ކަމަށެވެ. އެއާއެކު މީހުން ދިރިއުޅޭ ރަށްރަށުން 195 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 6 މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު 1،018 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 20،014 ގައެވެ. ޖުމުލަ 191 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު 67،538 މީހުންގެ ތެރެއިން ޖުމުލަ 47،333 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،256 ސާމްޕަލް ނަގައިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ބަލީގައި 5 މީހަކު މަރުވެފައިވާއިރު 4 މީހުން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އެއީ 72 އަހަރުގެ ދިވެހި އަންހެނަކާ، 64 އަހަރުގެ ދިވެހި އަންހެނަކާ، 79 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު 5 ވަނަ މަރަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 28 އަހަރުގެ ދިވެހި އަންހެނެކެވެ.

މި މަހުގެ ކޭސްތަކުގެ އަޕްޑޭޓް:

  • ޖޫން 1: 768 ޕޮޒިޓިވް، 8 މަރު
  • ޖޫން 2: 704 ޕޮޒިޓިވް، 2 މަރު
  • ޖޫން 3: 648 ޕޮޒިޓިވް، 2 މަރު
  • ޖޫން 4: 432 ޕޮޒިޓިވް، 3 މަރު
  • ޖޫން 5: 590 ޕޮޒިޓިވް، 5 މަރު

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު ފަސް ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 3،142 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 20 އަށް އަރާފައެވެ.

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 65،000 އިން މައްޗަށް ގޮސްފައެވެ.