ށ. ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައި ވަނީ ޝުނާން ޝަރީފް، 22 އަހަރެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ށ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވީ މި ހާދިސާ ހިނގައިފައި ވަނީ ޒުވާނުންތަކެއް ޕިކްނިކް ގޮސް އުޅުމުގެ ތެރޭގައި ޖެޓްސްކީ ފަހަތުގައި ޖަހައިގެން ދުއްވަމުން ދިޔަ ސީބެޑްއެއް ގައި ތިއްބާ ވިއްސައިގެން ގޮސްގެން ކަމަށެވެ. އޭނާ ވިދާޅުވީ ޖެޓްސްކީ ދުއްވަމުން ދިޔަ ވަގުތު ސީބެޑްގައި އިން 2 މީހުންގެ ތެރެއިން އެކަކު މޫދަށް ފުންމާލީއެވެ. ދެވަނަ މީހާ ވިއްސައިގެން ގޮސް ޖެހުނީ ގޮނޑުދޮށުގައި ހުރި ހަޓެއްގެ ލަކުޑި ޕޯސްޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވެސް މިޙާރު ބުނަނީ އެހެންނެވެ. އަދި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 16:00 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާދިސާގައި ޒުވާނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ބުނެއެވެ.