މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިސްބާހު މުހައްމަދު (25އ)، ވިސާ ހަމަވެގެން ޕާކިސްތާން އެމްބަސީއަށް ދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާރު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ވިސާ ހަމަވެ ޕާކިސްތާނުން ބޭރު ނުވެވިގެން މިސްބާހު މިދިޔަ މާޗު މަހުގެ މެދު ތެރޭގައި އެމްބަސީއަށް ދިޔަ ކަމަށެވެ.
އެގޮތުން ވިސާ ހަމަވުމުން އަމަލު ކުރަންޖެހޭ ގޮތް މިސްބާހަށް ކިޔައިދިން ކަމަށާއި އަދި އޭނާގެ ހާލަތާ ގުޅެގޮތުން އެމްބަސީއާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
އޭގެ ފަހުން މިސްބާހުގެ ހަބަރެއް ނުވާ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހް ފުރާފައި ވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިރުފާން އާއި މިސްބާހް ދުބާއީއަށް ފުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އިރުފާން ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާ އެކު މިސްބާހް އައިސްފާ ނުވާ ކަމަށެވެ. އަދި، މިސްބާހް ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ދިޔަކަން ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން، މިސްބާހް ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައި ވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައި ވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.