ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒު އަހުމަދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއީ، ޖެނަރަލް އަޒީޒް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދެބޭފުޅުންގެ ދެމެދު ބޭއްވި ރަސްމީ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ޒަމާންވީ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ޑިޒާސްޓާ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކުގަޔާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ބަންގްލަދޭޝްގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި، އެގައުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

2004 ގެ ސުނާމީން ފެށިގެން މިހާރު ކުރިމަތިވެފައިވާ ޕެންޑެމިކާ ހަމައަށް، ރާއްޖެއިން އެހީއަށް ބޭނުންވި ހާލަތްތަކުގައި، ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން، ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތަކަށް މިނިސްޓަރު މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިނިސްޓާ މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން، ޖެނެރަލް އަޒީޒަށް މަރުޙަބާ ވިދާޅުވެ، ކޯވިޑްގެ މިދަތި އުނދަގޫ ހާލަތުގައިވެސް، ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ފަރާތްޕުޅުންނާއި އެގައުމުގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރައީސް ސޯލިހަށާއި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް، ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު މާރިޔާގެ އަރިހުގައި މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި، ޑީއައިޑީސީގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް ހުސައިން ފައިރޫޝާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ އަލީ ޖައިޝަން އާމިރުވަނީ ބައިވެރިވެވަޑައިގެންފައެވެ.