އެމްބިއުލާންސް އައުން ލަސްވުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުން ލަސްވެ ކޮވިޑް ބަލީގައި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ހެލްތް މިިސްޓްރީ ފެއިލްވެއްޖެ ކަމަށްބުނެ ގިނަ ބަޔަކު މިނިސްޓަރު އަހުމަދު ނަސީމް ގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

ކޮވިޑް ޖެހިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުން ދަނިކޮށް ރޭ 12:10 ހާއިރު މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު، ލާޖަހާގެ / ހދ. ކުޅުދުއްފުށި އަކީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިޝްކާ މަރުވެފައިވަނީ ކޮވިޑް ޖެހިގެން 7 ވަނަ އަށް ވީ ދުވަހު ހާލުދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށްށެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ގިނަ ބަޔަކު މިނިސްޓާ ނަސީމްގެ އިސްތިއުފާއަށް ގޮވާލައިފައި
މިވަގުތު މަސްލަހަތައް އެންމެ ރަނގަޅު ގޮތަކީ ޒިންމާ އަދާ ނުކުރެވޭ ހެލްތް މިނިސްޓަރު ނަސީމު އިސްތިއުފާ ދިނުން. ކަންކަން ބަރަވެލި ދުވެލިން ހަލުވި ދުވެއްޔަށް ގެންގޮސްގެން ނޫނީ ސަލާމަތެއް ނެތް.
ޝުމްބާ

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްވަލައި ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީްކަންވެސް އޭނާ ދެއްވައެވެ.

ބައެއް މީހުން ވަނީ ކޮންމެ އަނިޔާއަކީ އިހުމާލެއްކަމަށާ މިނިސްޓަރު ހަމައެކަނި މާފަށް އެދުމަކުން ނުވާނެ ކަމަށް ބުނެފައެވެ. އަދި ޒިންމާދާރު މަގާމުތަކުގައި ތިބެ ޒިންމާ އަދާނުކުރެވޭނަމަ އިސްތިއުފާ ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ގިނަ ބަޔަކު މިނިސްޓާ ނަސީމްގެ އިސްތިއުފާއަށް ގޮވާލައިފައި
މާފަށް އެދުމަކުން މިކަން ނިމޭކަށް ނެތް. މީހެއްގެ ފުރާނަޔަށް 2 ގަޑިއިރާ 25 މިނެޓު އެއީ ލައްކަ ގިނައިރު. ސަރުކާރު ފެއިލް ނުވާކަމަށް ވަލީއުލް އަމްރަށް ހީވެފައިއޮތުންކަމުގައި ވަނީނަމަ ސިކުނޑީގެ އުނިކަމެއް އެބައުޅޭ. މިނިސްޓަރު ނަސީމް އިސްތިއުފާ ދޭންޖެހޭ ވަރުގެ މަކެއް!
ސޯޝަލް މީޑިއާގައި ޔޫސާއެއް

ކޮވިޑް ރާއްޖެ އަށް އައިތާ ކުރީކޮޅު ސަރުކާރުން ވަނީ ކޮވިޑްގެ އެންމެ ސީރިއަސް ހާލަތަށްވެސް ތައްޔާރުވެފައިވާކަމަށް ބުނެފައެވެ. ނަމަވެސް ކޮވިޑްގެ އައުޓްބްރޭކް އެއް އައިސްފިނަމަ އެވަރަށް ހިއުމަން ރެސޯސް ނުހުންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިޝްކާގެ ހާލު ސީރިއަސްވެގެން އެމްބިއުލާންސް އަށް ގުޅުމުން އެތަނަށް ދިޔުމަށް އެތައް އިރެއް ހޭދަވީ އިރު، މީގެ ކުރިންވެސް ބަލިމީހުންގެ ހާލަތު ގޯސްވެގެން އެމްބިއުލާންސް ގެ ހިދުމަތް ހޯދަން ދަތިތަކާ ކުރިމަތިވި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ.

މީގެ ކުރިންވެސް ދިމާވެފައިވާ މިފަދަ މައްސަލަތައް ބަލާ ތަހުގީގު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ބުނި ނަމަވެސް މިހާތަނަށް އެއިން ތަހުގީގެއްގެ ނަތީޖާ އައިގޮތެއް ހާމަ ކޮށްފައެއް ނުވެއެވެ.

މިނިސްޓަރު ނަސީމްގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިސްތިއުފާއަށްވެސް އާންމުން ވަނީ ގޮވާލާފައެވެ.