އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކު އެތެރެ ކުރުމުގެ ގަރާރަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން ގެޒެޓުކޮށްފިއެވެ.

އާ ގަރާރުގައި ބުނެފައިވަނީ ކުރީގެ ގަރާރުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ކަމަށް ކަނޑައަޅާފައިވާ އެއްޗެހީގެ ތެރެއިން ބައެއް ތަކެތި، ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީހުކަމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް، ކޮވިޑް-19ގެ ސަބަބުން އައިސްފައިވާ އިގްތިސާދީ މަޑުޖެހުމަށާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ކަންތައްތަކަށް ރިއާޔަތްކޮށް، ބަދަލުގެންނަން ޖެހިއްޖެ ކަމަށް ރައީސުލުޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމުން ބަދަލުތަކެއް ގެންނަ ކަމަށެވެ.

މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް

ކާބޯތަކެތި ބަންދުކުރާ ސްޓައިރޯމް ފޮށި އެތެރެކުރުން މަނާވާ ސުންގަނޑީގެ ގޮތުގައި ޑިސެންބަރު 31، 2021 އަށް ވަނީ ބަދަލުކޮށްފައެވެ.

އޭގެ އިތުރުން ބާޒާރުކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރާއި 50 މިލި ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކަންޑިޝަނާ، އަދި ލޯޝަން ފުޅި ޑިސެންބަރު 1، 2022 އިން ފެށިގެން ރާއްޖެ އެތެރެ ކުރުން މަނާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި ރާއްޖެއަށް އިމްޕޯޓް ކުރާ 1 ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ވަންދުކޮށްފައި ހުންނަ ފެން ޑިސެންބަރު 1، 2023 އިން ފެށިގެން ރާއްޖެ އެތެރެ ކުރުން މަނާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ގެނެއި ބަދަލު ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ.