އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮފިއެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނު އިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެ ފައިދާއިން ވަނީ ހިއްސާ އަކަށް 60 ރުފިޔާ ބަހާ ގޮތަށް ނިންމާފައެވެ. މި ނިންމުން ފާސްކުރީ މިއަދު އޮންލައިން ކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައި ވަނީ 58 ރުފިޔާއެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް ބަހާފައިވާ އަދަދު މި ވަނީ 2 ރުފިޔާގެ އިތުރުވުމެއް އައިސްފައެވެ.
މިއަދު ބޭވި ބައްދަލުވުމުގައި ހިއްސާގެ ފައިދާ ބަހަން ފާސްކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރުން ކަނޑައެޅުން ވެސް އޮތެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން އިންތިހާބު ކޮށްފައި ވަނީ އާމިނަތު ރުޝްމާއެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރު ވެސް އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކޮށްފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް އަހަރު އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސްކޫޕާސް ކަނޑައަޅަންވެސް މިއަދުގެ ޖަލްސާ ގައި ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު އަދި މާލީ ރިޕޯޓުވެސް ވަނީ ފާސްކޮށް ފައެވެ.