ޓޫރިޒަމް ދާއިރާގެ 65 ޕަސަންޓް މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ފުރަތަމަ ޑޯޒް މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 95 ޕަސަންޓް މުވައްޒަފުން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި 2 ވަނަ ޑޯޒް 65 އިންސައްތަ މުވައްޒަފުން ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ކޮވިޑް19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާތާ 10 މަސްދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ މިވަގުތު ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލްކަމަށް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ދުނިޔޭގެ ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލްގެ ސޭފްޓީ ސްޓޭންޕް ރާއްޖެއަށް ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ކުރިން ވެސް ލިބިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ޖުމްލަ 458 މީހުން ވެކްސިން ޖާހާފައި ވެއެވެ. އެއީ ހުސް އަތޮޅު ތެރެއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 117 މީހުންނާއި ދެވަނަ ޑޯޒް ޖެހި 224 މީހުންނެވެ.
މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 308،022 އަށް އަރާފައެވެ. އޭގެތެރެއިން 164،013 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.