އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ބުނެ އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތާމެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ރާއްޖޭގެ ވަކި ސަރަހަދެއްގައި ގާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެގޮތުން އާންމު ގޮތެއްގައި ބޭރު ގައުމެއްގެ އޮފީހެއް ނުވަތަ ކޮންސުލޭޓެއް ގާއިމު ކުރުމަށް ގައުމުތަކުގެ ސަރުކާރު ތަކުން ކުރަމުން ގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެ ގައުމުގެ ދޭތެރޭ ކުރެވޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި ކޮންސުލޭޓް ޖެނެރަލްގެ އޮފީހެއް ގާމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތް ވާ ގައުމުގެ ރައްޔިތުން ގިނަ އަދަދަކަށް އޮފީސް ގާއިމު ކުރެވޭ ސަރަހައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމަށް ބެލެވޭ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ބުނީ ރާއްޖޭގެ ވެރިރަށް މާލޭގައި ގާއިމު ކޮށްފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އިތުރު އެހެން ސަރަހައްދެއްގައި އެގައުމުގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ހައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފަ ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އޭގެ އިތުރުން ވެސް، އެފަދަ ނިންމުމެއް ނިންމަންވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ގަބޫލު ކުރެވޭ ކަމަށް އިދިކޮޅުން ބުނެއެވެ.

ހަމައެހެންމެ، މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް އާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން މިއައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމުގައި މިކޯލިޝަނުން ދެކެމެވެ.
އިދިކޮޅު ކޯލިޝަން

އިދިކޮޅުން ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އެއާއެކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދިނުމަށް އިދިކޮޅުން ވަނީ އިލްތިމާސްކޮށްފައެވެ.