މިސީޒަންގެ ޗެމްޕިއަންސް ލީގު ތަށި އިނގިރޭސި ޓީމު ޗެލްސީ އުފުލާލައިފިއެވެ.
ޔޫރަޕްގެ އެންމެ މޮޅު ކްލަބްތައް ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީ ހޯދީ ފައިނަލް މެޗުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ 0-1 އަކުން ބަލިކުރުމަށް ފަހުއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފައްދާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް އުފެއްދީ ވެސް ޗެލްސީންނެވެ. މިގޮތުން، އެޓީމުގެ ފޯވަޑު ޓީމޯ ވާނާއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު ޗެލްސީގެ ޑިފެންޑަރު ދިޔައީ ސިޓީން އުފައްދާ ގިނަ ހަމަލާތައް ނާކާމިޔާބުކޮށްލަމުންނެވެ.
މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޗެލްސީން ޖެހީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް 42 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ދިން ހިތްގައިމު ޕާހަކުން ޗެލްސީގެ ހުނަރުވެރި ފޯވަޑް ކައި ހަވެޓްޒްއެވެ. ހަވެޓްޒަކީ މިސީޒަންގައި އަލަށް ޗެލްސީއާއި ގުޅުނު ކުޅުންތެރިއެކެވެ.
މެޗުގެ ދެވަނަ ހާފް މުޅިހެން ކުޅުނީ ސިޓީންނެވެ. އެހެން ނަމަވެސް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް އެޓީމަކަށް ނުއުފެއްދެއެވެ. ހާއްސަ ގޮތެއްގައި އެޓީމުގެ ޕްލޭ މޭކާ ކެވިން ޑެ ބްރައިނާއަށް މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުން ފައިބަން ޖެހުމުން ސިޓީގެ ކުޅުން އިތުރަށް ބަލިކަށިވިއެވެ.
އެހެން ނަމަވެސް މެޗުގައި ޗެލްސީން ދެއްކި ދިފާއީ ކުޅުމަށް ތައުރީފު ހައްގެވެ. އަދި މުޅި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ޗެލްސީން ކަމަށް ގިނަ ޕަންޑިޓުން އެއްބަސްވެއެވެ.
މިއީ ޗެލްސީ މިމުބާރާތުގެ ފައިނަލްގައި ވާދަކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެއް ފަހަރު އެޓީމުން މި ތަށި ކާމިޔާބުކުރި އިރު އެފަހަރުގެ ފައިނަލްގައި ޗެލްސީން ކުރި ހޯދީ ޖަރުމަނުގެ ބަޔާން މިއުނިކްގެ މައްޗަށެވެ.
މިއީ ވޭތުވެދިޔަ ހަތަރު ސީޒަންގެ ތެރެއިން ތިން ސީޒަން އިނގިރޭސި ޗެމްޕިއަންކަން ހޯދި ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލް ވާދަކުރި ފުރަތަމަ ފަހަރެވެ.