ޒުވާންނުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭން ބުނީ ވެކްސިން ނުޖަހާ މީހުންގެ ތެރޭގައި އުމުރުން 20 އަހަރާ 29 އަހަރާ ދެމެދުގެ ގިނަ ބަޔަކު ހިމެނޭ ކަމަށާއި، އެ އުމުރުފުރާގެ 39 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ޖަހާފައި ނުވާކަމަށެވެ. އަދި އެ އުމުރުގެ މީހުން އާންމު ތަންތަނުގައި މާސްކް ނާޅާ 48 ޕަސެންޓް މީހުން ފާހަގަވެފައިވާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން 308،905 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 163،789 މީހަކުއެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް މަދުވުމާއި ގުޅިގެން، ކޮވިޝީލްޑް ވެކްސިން ޖެހުން ވަނީ މި ވަގުތައް މެދުކަނޑާލާފައެވެ. އެހެންނަމަވެސް ސިނޯފާމް އަދި ފައިޒާ ވެކްސިން އަދިވެސް ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް ވެސް ދަނީ ޖަހައިދެމުންނެވެ.
އެގޮތުން ކޮވިޑް-19 ގެ އިތުރު ވެކްސިނެއް ޖަހާފައިނުވާ 18 އަހަރުން މަތީގެ މީހުންނަށް ފުރަތަމަ ޑޯޒް ޖެހުމަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ޑޯޒް ޖެހިތާ 3 ހަފްތާ ވެފައިވާ ފަރާތްތަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ވަނީ ހުޅުވާލާފައެވެ. މިވަގުތު މާލެ ސަރަހައްދުން ވެކްސިން ޖަހައިދެނީ ނެޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތު ސެންޓަރާއި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.
މި ތިން ތަނުން، ހެނދުނު 09:00 އިން 11:00 އަށް ވެކްސިން ޖަހައިދޭއިރު، ވެކްސިން ޖަހަން ދިއުމަށް ފުލުހުންގެ ޕާމިޓް ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ވެކްސިން ޖެހުމަށް އެޗްޕީއޭން އިލްތިމާސްކޮށްފައި ވާއިރު، މި މަހު މިހާތަނަށް 84 މީހަކު ވަނީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައި ވެއެވެ. އަދި މަރުވި ގިނަ މީހުން ވެކްސިން ނުޖަހާ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ. އެގޮތުން މި މަހުގެ ފުރަތަމަ 19 ދުވަހު މަރުވި 39 މީހުންގެ ތެރެއިން 64 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ. އަދި މަރުވި މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ 20 ޕަސެންޓް މީހުން ކަމަށާއި އަދި މަރުވި މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 12 ޕަސެންޓް މީހުން ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.