ކޮވިޑްގެ ހާލަތުގައި އެހީތެރިވުމަށް 1000 މީހަކު ވޮލެންޓިއާ ކޮށްފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޮލެންޓިއަރުން ހޯދަން ކުރި އިއުލާނަށް އިޖާބަދިން 1000 މީހުންނަށް ޝުކުރު އަދާ ކުރާކަމަށެވެ. 1000 މީހުން ވޮލެންޓިއާ ކޮށްފައި ވާއިރު މިހާރު އެފަރާތްތަކުގެ ލިސްޓުތައް ބަލަމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވުމާ ގުޅިގެން ކޮވިޑް ޖެހިގެން ފަރުވާ ދޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ދާދި ފަހުން ވަނީ ވޮލަންޓިއަރުން ހޯދުމަށް އިއުލާނު ކޮށްފައެވެ. އަދި ހަމަ އެހެންމެ އިންޑޮނޭޝިއާ އަދި ފިލިޕިންސް އިން ޕްރޮފެޝަނަލް 100 ނަރުހުން ހޯދުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން އައިޖީއެމްއެޗްގެ ވޯޑްތަކުގައި މަސައްކަތް ކުރާ ނަރުހުން، ވޯޑްތައް ބަންދުކުރުމަށް ފަހު ކޮވިޑަށް ފަރުވާ ހޯދަމުން ދާ ފަރާތްތަކަށް އެހީވުމަށް ނެރެފައިވާކަމަށް ވެސް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) ބުނެއެވެ.

ކޮވިޑް ބަލީގައި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެގެން ދާއިރު އެންމެ ގިނައިން މީހުން މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީން މިއަދު އެކަނިވެސް 3 މީހުން މަރުވެފައި ވާއިރު މިއަދު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 4 އަށް އަރާފައެވެ.

ވޮލަންޓިއަރުންނަށް ވުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ބަންދު ކޮށްފައެވެ.