މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ހޯދަން ހުޅުވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ހުށައަޅަން ބޭނުންވާ ސިފައިންނާ ފުލުހުންނަށް އެ ފުރުސަތު ހުޅުވަލައިފާ ވާ ކަމަށެވެ.

މައުލޫމާތު ހުށައެޅުމަށް އެ އިދާރާގެ އީމެއިލް އެޑްރެސް ނުވަތަ ކޮމިޓީގެ ފޯން ނަންބަރު 7798798 ބޭނުން ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެދެއެވެ.

ކޮމިޓީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން އެފަރާތުގެ މައުލޫމާތު ސިއްރުކުރަން އެދޭނަމަ މައުލޫމާތު ސިއްރުކުރާނެ ކަމަށްވެސް ކޮމިޓީން ބުނެއެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރާއްޖޭން ބޭރުގެ ހާއްސަ މަންދޫބަކު ރައީސް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަލާގެ ތަހުގީގަށް ހުރަސްއެޅޭނެ ފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ.