ރާއްޖެއާ އަވައްޓެރި ސްރީލަންކާގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ދަތުރުފަތުރު ކުރުމުގެ ފިޔަވަޅުތައް އަންނަ ޖޫން މަހުގެ 7 އާ ހަމައަށް އިތުރު ކޮށްފިއެވެ.

ލަންކާގެ އާމީ ކޮމާންޑާ ގެނެރަލް ސަވެންދުރާ ސިލްވާ އެކަން އިއުލާން ކުރައްވަމުން ވިދާލުވެފައި ވަނީ އެއްވެސް މީހަކަށް އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި، ބޭރަށް ނުކުންނަ މީހަކުވެސް ބޭނުންވާ ވަރަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ގަނެގެން އަވަހަށް ގެއަށް ވަންނަން ޖެހޭނެ ކަމަށެވެ.

ލަންކާގެ ބައެއް ހަބަރުތައް ބުނާ ގޮތުން، ލަންކާގެ އެތެރޭގެ ދަތުރު ފަތުރު މަނާ ކުރި ނަމަވެސް، ބޭސް ގަންނަން ބޭސް ފިހާރަތަކަށް ދިއުމުގެ ހުއްދަ ދޭނެއެވެ.

އަދި މިމަހުގެ 31 ވާ ހޯމަ ދުވަހާއި އަންނަ މަހުގެ 4 ވާ ހުކުރު ދުވަހު ކޮންމެ ގެއަކުން އެކަކަށް ބޭރަށް ދިއުމުގެ ހުއްދަ ދޭނެއެވެ. އެ ހުއްދަ އަކީ ގެއަށް ބޭނުންވާ އަސާސީ ސާމާނު ގަތުމަށް ބޭރަށް ދާން ދޭން ހުއްދައެއް ކަމަށް ބުނެއެވެ.

ލަންކާއިން ވެސް ވަނީ ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައެވެ. އަދި ލަންކާގެ ހުރިހާ ސަރަހައްދެއްގައި ހަލުވި ކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން ހުސްވި މަހު އެކަނި 50،000 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް 1210 މީހަކު ވިޑް ބަލީގައި މަރުވެފައި ވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.