އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމާއި، އަތޮޅު ތަރައްގީ އާ އޮތް ގުޅުމަކީ ކޮބާތޯ ޕްރޮފެސަރު ހަސަން އުގެއިލް ސުވާލު ކުރައްވައިފިއެވެ.

އުގެއިލް ވިދާޅުވީ އައްޑޫގައި އެހެން ގައުމެއްގެ ކޮންސުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާ ކިހާ ގާތް ގުޅުމެއް އޮތް ކަމެއް ތޯ އެނގެން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭ ވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭ ކަމަށް ވެސް އުގެއިލް ވަނީ ވިދާޅުވެފައެވެ.

އުގެއިލް ވިދާޅުވީ އެހެން ނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބައޮތް ކަމަށާއި އަދި މިވަގުތު ކޮންސުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތް ވުން ވެސް އެކަށީގެންވާ ކަމަށެވެ.

އުގެއިލް އެހެން ވިދާޅުވީ އައްޑޫގައި ކޮންސުލޭޓް އޮފީހެއް ހެދުމަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަސްލަމް ވިދާޅުވިގޮތުގައި އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ހެދުމުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ. އަދި އައްޑޫގައި އިންޑިއާގެ އިންވެސްޓްމަންޓް ތަކަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ވިސާ ލިބުމުގައި ފަސޭހަވާނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވީހާވެސް އަަވަހަށް ހުއްދަ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް ވިދާޅުވެން އޮތީ އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ނިންމުން ހިއްސާކުރާނެ ކަމާއި އަދި ދެގައުމުގެ ދޭތެރޭ އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއްފަރާތުން އަނެއް ފަރާތައް އެދޭ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ދެކެވެން ޖެހޭ ވާހަކަތައް ދެކެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.