އިންޓަނެޓް އަގުހެޔޮވުމުން ދަރިވަރުންނާއި ޓީޗަރުންނަށް އެކަމުގެ ފައިދާ ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އިންޓަނެޓް އަގުހެޔޮކުރިކަން ސަރުކާރުން މިއަދު އިއުލާންކުރުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޓަނެޓްގެ ހިދުމަތަށް އަލައް ގެނައި ބަދަލާ ކުރިއެރުމާމެދު އުފާކުރައްވާކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލަށް އަންނާނެ ހެޔޮ ބަދަލު ބަލަން ބޭނުންވާކަމަށްވެސް މިނިސްޓަރު ވިދަލުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މި ހެޔޮ ބަދަލާއެކު އިންޓަނެޓްގެ ދަތިކަމެއް ނެތި ދަރިވަރުންނަށް އޮންލައިންކްލާސްތަކުގައި ބައިވެރިވެވޭނެކަމަށާ، ދަރިވަރުންނާ މުދައްރިސުންނަށް ކުރިޔަށްވުރެ ރަނގަޅަށް މުއާމަލާތް ކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ކޮވިޑްގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ ބައެއްރަށްރަށުގެ ކިޔެވުން ބަންދުކޮށްފައިވާއިރު ކުލާސްތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ކުލާސްތައް ނަގާއިރު ނެޓް ސްލޯ ވުމާ އިންޓަނެޓްގެ އަގު ބޮޑުކަމުގެ ޝަކުވާ ބެލެނިވެރިންނާ ޓީޗަރުންވެސް ކުރެއެވެ.

ސަރުކާރުން މިއަދު ވަނީ އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސް އެ އަގުތައް އިއުލާން ކޮށްފައެވެ. މިގޮތުން، މި ބަދަލުތަކާއި އެކު ފިކްސްޑް ބްރޯޑްބޭންޑް ރެޒިޑެންޝިއަލް އިންޓާނެޓް ޕެކޭޖްތަކުގެ އަގުތައް ތިރީސް ޕަސަންޓް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.