ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމު ހާސިލްކުރުމުގެ އުމުރު ހަމަވާ ދަރިވަރުން ނެތްކަމަށް ބުނެ ކިޔެވުން ނުފެށި އޮތް ވ.ރަކީދޫ ސެޓެލައިޓް ސްކޫލުގެ ކިޔެވުން ފަށައިފިއެވެ.

ރަކީދޫގައި 4 ކުއްޖަކު ތައުލީމުން މަހުރޫމުވެފައި ތިބުމުން ފެލިދެ އަތޮޅު ކައުންސިލުން އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސާމާލުކަމަށް ގެނެސްފައިވާއިރު އޭރު އެޑިއުކޭޝަން މިނިސްޓްރު އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލަށް ވަނުމަށް އެދި ހުށަހަޅާފައިވަނީ 4 އަހަރު ނުފެރޭ 3 ކުދިން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރަނީ 4 އަހަރުން މަތީގެ ކުދިންނަށް ތައުލީމު ދިނުމަށް ކަމަށެވެ.

އެހެންނަމަވެސް އޭރު ފެލިދެ އަތޮޅު ކައުންސިލުން ބުނީ އެ ރަށުގައި ތައުލީމުން މަހުރޫމުވެފައިވަނީ އުމުރުން 6 އަހަރުގެ ކުއްޖަކާއި، 7 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖެއްގެ އިތުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.

ފެލިދު އަތޮޅު ކައުންސިލާ، އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ކުރި މަސައްކަތުން މި އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ބަންދަށް ފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށިއިރު ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމަށް މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލުގައި ކިޔެވުން މިއަދު ފެށީ ތިން ދަރިވަރުންނާ އެކު ކަަމަށެވެ.

ރަކީދޫ ސްކޫލަކީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލު ބަންދުކުރެވިފައި ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސްކޫލެކެވެ. އަދި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން "ސްޓެލައިޓް" ސްކޫލް މޮޑެލްއަށް ހިންގުމަށް ކަނޑައެޅި، ކުރީގައި ރަށުގައި ހުރި ސްކޫލު މަރާމާތުކޮށް މުޅިން އާ ސްކޫލެއްގެ ގޮތުގައި މަސައްކަތްތައް ފުރިހަމަކޮށް ނިމިފައިވާ ސްކޫލެކެވެ.